ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަޤާމަށް އައްޔަނުކުރި މުހައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީސީބީގެ ރައީސަކަށް އައްޔަނުކުރި ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރުހުން ހޯދުމަށް ވޯޓަށް އަހާފަ އެވެ. އަނަސްއަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީސީބީގެ ރައީސް ކަމަށް އަނަސް އައްޔަނު ކޮށްފައިވަނީ މާޗް 13 ވަނަ ދުވަހު އެވެ. މުހައްމަދު އަނަސްއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި، އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަޤާމު ހިމެނެއެވެ.
އަނަސް އެ މަގާމަށް އައްޔަނުކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަޤީލް މަގާމުން ވަކި ކުރެއްވުމަށްފަހު އެވެ.
ރައްޔިތުންގެ މަޖިލިސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)



