ދިވެހި ބަހުން ވާހަކަދެއްކުމަކީ އުފަލެއް އަދި ފަހުރެއްކަމަށް އެންމެންވެސް ގަބޫލު ކުރަން ޖެހޭ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ދިވެހި ބަހުން ވާހަކަ ދެއްކުމަކީ އުފަލެއް އަދި ފަހުރެއްކަމުގައި އެންމެންވެސް ގަބޫލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގަ އެވެ.

ރައީސް ވަނީ އަމިއްލަ ބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރިކުދީން ގިނަކުރުމަށް ބާރުއަޅުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސްގެ ޚިޠާބުގައި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހިބަސްކަމުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ދިވެހިބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭކަމަށާއި، ދިވެހީންނަކީ ޒަމާނުއްސުރެ ވަކި އާދަކާދަތަކަކާއި އުޞޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހިބަހުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ ޚިޠާބުގައި، ދިވެހިބަހަށް ޚިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. ހަމައެއާއެކު ދިވެހިބަހަށް އިހުމާލުނުވުމަށް އެމަނިކުފާނުގެ ޚިޠާބުގައި ބާރުއަޅުއްވާފައިވެ އެވެ.

އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ރައީސް މުއިއްޒު ބާރުއަޅުއްވާފައިވެ އެވެ. އަދި ޒަމާނާއެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުވާޞަލާތުގެ ތަރައްޤީއާއި ފައިހަމަކުރެވޭނެ ކުރިއެރުން ދިވެހިބަހަށް ހޯދައިދީގެންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ހަމައެއާއެކު ދިވެހިބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން، އަދުގެޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައިދިނުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ