ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްގީއަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) އިން ދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަ ކުރައްވައިފި އެވެ.
ރައީސް މުއިއްޒު ސައުދީ ފަންޑުގެ އެހީތެރިކަން ފާހަގަ ކުރެއްވީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދު ރައީސް މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުފުޅުކުރެއްވީތީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް މަރުޚަބާ ދަންނަވާފަ އެވެ. ދިވެހި ސަރުކާރުން މި ޝަރަފު އެ މަނިކުފާނަށް އަރުވާފައި މިވަނީ، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި ޞިއްޙީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ފާޅުކުރައްވާފައިވެ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބިދޭފަދަ ނަތީޖާތަކެއް ނެރުމުގެ އުންމީދު އައުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - ސައުދީ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ)