މިދިޔަ އަހަރުގެ މެއި މަހު ފެށުނު ސީޓު އެއަރ ކާގޯ މަޝްރޫޢު މިހާރު 300 އިންސައްތައަށް ކުރިއަރައިފިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ވެއަރހައުސް މެނޭޖްމަންޓްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒަރީރު ވިދާޅުވީ މިހާރު 20 އެއަރކްރާފްޓް މި މަޝްރޫޢުގައި ބައިވެރިވެފައިވާކަމަށެވެ.
ޒަރީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު އޭޝިއާގެ އެހެން ގައުމުތަކަށް ނުދާ އެއާލައިންތަކެއްވެސް އަންނަމުން ދާކަމަށެވެ. އަދި މި މަސައްކަތަށް ވަރަށް ބޮޑު ޑިމާންޑެއްވެސް އޮތްކަން ޒަރީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސީ-ޓު-އެއާ ކާގޯއަކީ ބައެއް މަންޒިލުތަކުން ކަނޑުމަގުން މުދާ ގެނައުމުގެ ބަދަލުގައި ވައިގެ މަގުން މުދާ އެތެރެކުރުމަށް ބޭނުންކުރާ މަޝްރޫޢެކެވެ.
ޒަރީރު ވިދާޅުވީ ކާގޯ ވިލެޖުގެ ސަބަބުން މިހާރު ޕީކް ސީޒަނުގައި 260 ޓަނަށް ވުރެ ގިނަ މުދާ ހޭންޑްލް ކުރެވޭ ކަމަށެވެ. މީގެ ކުރިން ހޭންޑްލް ކުރެވެނީ ދުވާލަކު 50 ނުވަތަ 60 ޓަނުގެ މުދާކަންވެސް ޒަރީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.