އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އެ ރިސޯޓުން މަޢުލޫމާތު ދީފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކް ހުސްކުރަން ޖެހިފައިވަނީ އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހަދަން ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތަށް އެ އިމާރާތް ހުރަސްއެޅޭތީ އެވެ. މި މައްސަލައާ ގުޅިގެން އައްޑޫސިޓީ ކައުންސިލާއި އެއާޕޯޓު ހިންގާ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި އިމާރާތަކީ އައްޑޫ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ އިމާރާތެކެވެ. އެހެންނަމަވެސް މިއީ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއް ނޫނެވެ. އިމާރާތް ހުސްކުރުމަށް ލަސްވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް ވަނީ މިހާރު ހުއްޓިފަ އެވެ.
މި މައްސަލައާ ގުޅިގެން މޭޔަރު ވަނީ އިއްޔެ އެ ރިސޯޓުގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި އީކުއޭޓާ ވިލެޖުގެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާ ފޭސްބުކްގައި ޕޯސްޓެއް ވެސް ކުރައްވާފައިވެ އެވެ. މި މައްސަލައާ ގުޅޭގޮތުން އައްޑޫ ސިޓީ މޭޔަރު ”ޖަވިޔަނި“ އަށް މައުލޫމާތު ދެމުން ވިދާޅުވީ ބުނެފައިވާ ތާާރީހަށް ތަން ހުސްކުރާނޭ ކަމަށް އީކުއޭޓާ ވިލެޖުން ބުނެފައިވާ ކަމަށެވެ.
އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ކުންފުނިން ބުނެފައިވަނީ އެ ކުންފުނިން އީކުއޭޓާ ވިލެޖު ހިންގާތާ 20 އަހަރު ވެއްޖެ ކަމަށާއި، އައްޑުއަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ ފައިދާ އެ ރިސޯޓަށް ވެސް ކުރާނެ ކަމަށެވެ. އަދި ބިން ހަވާލުނުކުރީ އެތަނުގައި ހޮޓަލުގެ މުވައްޒަފުންގެ ލޭބާ ކުއާޓާސްއާއި އެހެނިހެން މުހިންމު ތަންތަނާއި ހޮޓަލުގެ އޮޕަރޭޝަންސްގެ ތަންތަން ހުރުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު