ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަޖިލީހުން އިސްނަގައިގެން ކުރުމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ޑަބަލް ޕެންޝަންގެ މައްސަލައާއި، ދެންވެން ހުރި ބައެއް ކަންކަމުގައި ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ ލިޔުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.
އެގޮތުން މި މަޝްވަރާތަކުގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، ޕެންޝަންގެ ޤާނޫނު ވުޖޫދުވެފައިވަނީ ސިވިލް ސާވިސްގެ ޤާނޫނަށްވުރެ ފަހުންކަމަށެވެ. އެގޮތުން 2007 ވަނަ އަހަރު ސިވިލް ސާވިސްގެ ޤާނޫނު ވުޖޫދުވިއިރު ޕެންޝަން ޤާނޫނު ވުޖޫދުވެފައިވަނީ 2009 ވަނަ އަހަރުކަން ފާހަގަ ކުރެއްވި އެވެ.
ޑަބަލް ޕެންޝަންގެ މައްސަލައިގައި ޕެންޝަން އޮފީހުން ފާހަގަކޮށްފައިވާ ކަންކަމަށް ތާއީދުކުރައްވާ ނާޒިމް ވިދާޅުވީ މިކަން ހައްލު ކުރުމަށް މަޖިލީހުގެ ބެލެނިވެރިކަމުގެ ދަށުން ސިވިލް ސާވިސް ކޮމިޝަން އަދި ޕެންޝަން އޮފީހާއި ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި މި ދެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަންޖެހޭކަން ފާހަގަ ކުރެއްވި އެވެ. ނާޒިމް ވިދާޅުވީ ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރަންވާނީ ކުޑަމުސާރައެއް ލިވޭ ސިވިލް ސާވަންޓުންނަށް ފަހިވާނެ ގޮތަކަށް ކަމަށެވެ.
ސިވިލް ސާވިސްގެ ޤާނޫނު 2007 ވަނަ އަހަރު ވުޖޫދުކުރިއިރު އޭގައި މުސްކުޅި ކުރުމުގެ ކޮންސެޕްޓް އުފަންކުރުމުން ދެންއައި ޤާނޫނު ތަކުން އެ ކޮންސެޕްޓް ކޮޕީކޮށްފައިވާކަން ޕެންޝަން އޮފީހުން ފާހަގަކޮށްފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތަށް ކަރެކްޝަންސް އަދި ޖުޑީޝަރީ ފަދަ އިދާރާތައް އެފަދަ ކޮންސެޕްޓްތައް ވުޖޫދު ކޮށްފަިއވާކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމަށް ވަކިވަކިން އެ އިސްލާހުތައް ޤާނޫނުތަކަށް ގެނެވިދާނެ ކަމަށާއި، އެ މަސައްކަތް މަޖިލީހަށް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބައެއް ފަނޑިޔާރުން އުމުރުން 50 އަހަރުގައި އަދި 37 އަހަރުގައިވެސް ރިޓަޔާވެފައި އެބަތިބި ކަމަށާއި އަދި އެ ބޭފުޅުންނަށް އުމުރު ދުވަހުގެ މުސާރަ އެބަ ލިބޭ ކަމަށެވެ. އަދި ޔުނިފޯމު އެޅި ބައެއް އިދާރާތަކުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ރިޓަޔާވުމަށްފަހު ސިޔާސީ މަގާމުތަކަށް އަންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ ހިސާބުން އެ ބޭފުޅުންނަށް ރިޓަޔާމެންޓާ އެއްކޮށް ސިޔާސީ މަގާމުން ލިބޭ މުސާރަވެސް ލިބޭ ކަމަށެވެ. މިފަދަ މައްސަލަތަކެއް ޕެންޝަންގެ ކަންކަމުގައި ހުރުމުން މި މައްސަލައަކީ ހައްލު ގެންނަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިގޮތަށް މިކަންދާނަމަ ދައުލަތަށް ލިބޭ އާމްދަނީން އިތުރަށް ޕެންޝަން ނުދެވިދާނެ ހިސާބަކަށް ގޮސްދާނެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މިހަމައަކީ ސަސްޓެއިނަބަލް ގޮތެއް ނޫން ކަމަށެވެ. 2011 އިން ފެށިގެން 2025 ފެބްރުއަރީއާ ހަމައަށް 27 އިދާރާއަކުން 2.6 ބިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި ހަރަދު ކޮށްފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ރާއްޖެގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތްވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ޕެންޝަން ނިޒާމު ހަރުދަނާކޮށް ދުރާލާ ފައިސާ ރައްކާނުކޮށްފިނަމަ، ދައުލަތުގެ އާމްދަނީން އަދި ޕެންޝަނުން ލިބޭ ކޮންޓްރިބިއުޝަނުން ޕެންޝަން ފައިސާ ނުދެއްކޭނެ ދުވަސް އަތުވެދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޑަބަލް ޕެންޝަންގެ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނާއި ޕެންޝަން އޮފީހާ މަޝްވަރާކުރުމަށްފަހު މި މައްސަލަ މިހާރުން މިހާރަށް ހައްލު ކުރުމަށް ނާޒިމް ގޮވާލެއްވި އެވެ. އަދި އެއަށްފަހު އެހެން މުއައްސަސާތަކުގެ މައްސަލަ ޤާނޫނުތަކަށް އިސްލާހު ގެނެސްގެން، މި ދައުރުގައި މިމައްސަލަ ހައްލުކުރަން ހުށަހަޅާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްވަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޑަބަލް ޕެންޝަންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި މިހާރު ކުރިއަށްދާގޮތަށް މިކަން ކުރިއަށްދާނަމަ ދައުލަތަށް ޕެންޝަން އެފޯޑް ނުކުރެވޭނެ ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް މަޖިލީހަށް ކެރެންވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ އެކި އެކި ޤާނޫނުތަކުގައި ޕެންޝަންގެ ވާހަކަ ހުންނަ ކަމަށާއި އެ ހުރިހާ ކަމެއް ޕެންޝަން ޤާނޫނުގެ ތެރެއަށް އަންނަންޖެހޭ ކަމަށެވެ. ޕެންޝަނާ ބެހޭ ކަމެއްނަމަ އެކަން ހިނގަންޖެހޭނީ ޕެންޝަން ޤާނޫނުގެ ދަށުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ޕެންޝަން އޮފިސް