އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުން ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓަން ކްރިިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރި މައްސަލަ ބަލައިނުގަތުމަސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ބާތިލުކޮށް އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެން ނުޖެހޭ ބަޔަކަށް އަސްލު ނޫން ލިޔުންތަކެއް ދޫކޮށް، އެ ލިޔުންތައް ބޭނުންކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރެއިން ގޯތިތަކުގެ އިންކަނޑާ ހެދި މައްސަލާގަ އެވެ.

މި މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ދެ ފަހަރުގެ މަތިން ނެރެފައިވެ އެވެ.

އަކްރަމްގެ ފަރާތުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ މައްސަލަ ބަލައިނުގަތުމަށެވެ. އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުން ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށް ނިންމާފައިވަނީ، މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލު ކުރުމަށެވެ.

މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލު ކުރުމަށް ނިންމި ފަނޑިޔާރު ދީބަނާޒް ފަހުމީގެ ރައުޔުގައި ބުނެފައިވަނީ، ރަޖިސްޓްރާގެ ނިންމުމަށް ބަދަލުގެންނަންޖެހޭފަދަ އެކަށީގެންވާ ޤާނޫނީ ސަބަބު ހުރި ކަމަށެވެ. ފަނޑިޔާރު ދީބަނާޒް ފަހުމީގެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދު ކުރައްވާފައިވެ އެވެ.

އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލޭން ގޯއްޗެއް ދިން ކަމަށް ބުނާ މައްސަލައިގައި ފުލުހުން ތަހުގީގު ފަށާފައިވަނިކޮށް ޕީޖީ އައްބާސް ޝަރީފްގެ އަމުރަށް ފުލުހުން ވަނީ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ތެރެއިން ހިންގާފައިވާ ކަންކަން ބެލުމަށް ތަހުގީގެއްވެސް ފަށާފަ އެވެ. މި މައްސަލަތަކުގެ ތެރެއިން އަކްރަމް އަދި ފަޒުލްއާއި އޭނާގެ ބޭބެ އަދި އިތުރު ބައެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.

ހައި ކޯޓު ކްރިމިނަލް ކޯޓު އަކްރަމް ކަމާލުއްދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ