ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މިއަދު ހުޅުވައިފި އެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އޭޓީއެމް ހުޅުވައިދެއްދެވީ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މިއަދަކީ ތާރީހީ ކާމިޔާބީއެއް ހާސިލްކުރެވޭ ދުވަހެއް ކަމަށާއި މިއަދު ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ. އެހެންކަމުން މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމްގެ މަޝްރޫއުގެ ފެއްޓެވުމަށް ދެއްކެވި ދުރު ވިސްނުންތެރި ލީޑާޝިޕަށްޓަކައި ރައީސް، ޑރ. މުހައްމަދު މުއިއްޒުއށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް އޭޓީއެމްގެ މަޝްރޫއަކީ 2025 ވަނަ އަހަރުގެ ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ގައުމީ މަސައްކަތެއް ކަމަށާއި މި އަހަރު ނިމޭއިރު 250 އަށްވުރެ ގިނަ އޭޓީއެމް ރާއްޖޭގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކު ކޮންމެ ރަށެއްގައި ހުރެގެން ވެސް މާލީ ހިދުމަތްތަކަށް ވާސިލްވުމަށް މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
”މިހާރު ވެސް ހއ. ގައި ތިން ބްރާންޗަކުން ރައްޔިތުންނަށް ދަނީ ހިދުމަތް ފޯރުކޮށްދެމުން . ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗްތައް ހުންނަ ރަށަށް ދަތުރުކުރުމަކީ ހަރަދުބޮޑު ވަގުތު ނަގާ ކަމަށް.“ ޝަރީފް ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.
އުތީމުގަިއ ގާއިމްކުރި އޭޓީއެމްއިން ރަށުގައި ތިބެގެން ހިދުމަތް ލިބުމުގެ ބާރުވެރިކަން ލިބިގެންދާނެ ކަމަށާއި އެ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ލޯނަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.
