ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 3,000 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ބިން ހޯދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްްޓްރީއާއެކު ސޮއިކޮށްފި އެވެ.
މި މަޝްރޫޢުއަކީ މާލެ ސަރަހައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މިދިޔަ މަހު ކެބިނެޓުން ނިންމި ’އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް’ގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީން ވަނީ 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުޅުމާލެ 1 އާއި ހުޅުމާލެ 3 އަދި ވިލިމާލެ އިން އެ ބޭންކަށް ހަމަޖައްސައިދީ، އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އަދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ”ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް“ އިން ކަމަށެވެ. އަދި މި ޔުނިޓުތަކުގެ މަސައްކަތް ކުރާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގާބިލު ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށާއި، މިހާރު ވެސް ވަނީ ބައެއް ފަރާތްތަކަށް ’އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް‘ ހުށަހެޅުމަށް ދައުވަތު ދީފައި ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
މި ހައުސިން ޔުނިޓުތައް ވިއްކާނީ ލީސް-ޓު-އޯން މޮޑެލްގެ ދަށުން، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަކޮށެވެ. ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، ގަންނަ ފަރާތްތަކަށް ކޮންމެ މަހަކު ކުލި ދައްކަމުން އެ ޔުނިޓަކަށް ވަދެވޭނެ؛ އަދި ޔުނިޓުގެ ޖުމްލަ އަގު ހަމަވުމުން އެ ތަން މިލްކުވާ ގޮތަށް މި ސްކީމް ކުރިއަށް ގެންދާނެ އެވެ.
ބީއެމްއެލްގެ ދަށުން އުފެއްދި ސަބްސިޑަރީ ކުންފުނި ”ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް“ގެ ބޭނުމަކީ މި 3،000 ފްލެޓް އެޅުމަށް ފަހު، ”ލީސް އެންޑިން ވިތު އޯނަޝިޕް“ މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ.
ބީއެމްއެލްގެ ސީއީއޯ އިތުރަށް ވިދާޅުވީ، މިގޮތަށް ކަންތައް ކުރުމުން މަޝްރޫޢުގެ ކޮސްޓު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށާއި، ބޭންކަށް އޮންނަ ރިސްކު ވެސް ކުޑަވާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.
ކެބިނެޓްގެ ނިންމުމާއެކު، މިދިޔަ މަހު މާލޭ ސަރަޙައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ބޭންކިން ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ’އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް ފަންޑު‘ ތައާރަފްކޮށް، އެކަމާ ގުޅޭ ގަވާއިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އެކުލަވާލާފަ އެވެ.
- ދެ ވައްތަރުގެ ފައިނޭންސިންގ ފެސިލިޓީ:
- ’ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ‘ (ލީސް އެންޑިންގ ވިތް އޯނަރޝިޕް ފެސިލިޓީ)
- ’ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީ‘ (އެންޑް-ޔޫޒަރ ފައިނޭންސިންގ ފެސިލިޓީ)
- ބޭންކުތަކުން ފަންޑަށް ދޫކުރަންޖެހޭ އަދަދު: ކޮންމެ ބޭންކަކުން ވެސް އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމްލަ ފައިސާގެ ތެރެއިން 10% އާއި 15% އާ ދެމެދުގެ އަދަދެއް މި ފަންޑަށް ދޫކުރަން ޖެހެއެވެ.
- ފައިނޭންސިން ފެސިލިޓީ ލިބޭނެ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:
- ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް ފަރާތްތައް.
- ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތައް.
- މީގެއިތުރުން އެމްއެމްއޭއިން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާން ވެސް ޖެހެއެވެ.
- ފައިނޭންސިންގ ފެސިލިޓީގެ މުއްދަތު:
- އާންމުކޮށް މަދުވެގެން 25 އަހަރު.
- ނަމަވެސް، ފައިސާ ނަގާ ފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ މުއްދަތެއް ވެސް ހަމަޖެއްސިދާނެއެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެފައިވަނީ މިގޮތަށް އިމާރާތްކުރެވޭ ތަންތަން ލިބޭނީ ފަސްޓް ޓައިމް ހޯމް ބާޔާސްއަށް ކަމަށާއި، އަގު ހުންނާނީ މިހާރު މާރކެޓުގައި ލިބެން ހުރި އަގުތަކަށްވުރެ ވަރަށް ބޮޑުތަނުން ކުޑަކޮށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު މިހާރު އުޅެނީ 4 މިލިއަން ރުފިޔާއަށް. އަޅުގަނޑުމެން އުންމީދުމިކުރަނީ ގާތްގަނޑަކަށް 2 މިލިއަނާ 2.5 މިލިއަނާ ދޭތެރޭގަ 3 ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު [ބަހައްޓައި] އަޅުގަނޑުމެނަށް މާކެޓަށް ނެރެވޭނެ ކަމަށް.“
މިނިސްޓަރު މުއްތަލިބް ވިދާޅުވީ އަގު އެއަށްވުރެވެސް ކުޑަ ކުރެވޭނަމަ، އަގު ކުޑަކޮށް މާކެޓަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 11 ވަނަ ދުވަހު ވިދާޅުުވެފައިވަނީ މާލެ ސަރަހައްދުގައި 7،000 ފްލެޓް އިމާރަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި ރަސްމާލެ އިން ދޫކުރާ 15،000 ގޯޗަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެކަން އެމަނިިކުފާނު އިއުލާންކުރައްވާފައިވެ އެވެ.
ބީއެމްއެލް ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
