ނަރީޝް ވިދާޅުވެދެއްވީ ސީޔާސީ މަޤްސަދު ހާސިލްކުރުމަށް އެމްޑީޕީން ޤައުމަށް ދިން ގެއްލުންތައް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދުވެސް ޤައުމަށް ބޮޑެތި ގެއްލުންތައްދޭ ޕާޓީއެއް ކަމަށް ވިދާޅުުވެ، އެމްޑީޕީން ޤައުމަށް ދީފައިވާ ގެއްލުންތަކުގެ ލިސްޓެއް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

މި ވާހަކަ ނަރީޝް ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަޖިލިސް މެންބަރު މީކާއިލްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) މުޒާހަރާއެއްގައި ދައްކާފައިވާ ވާހަކަތަކަކަށް ރައްދު ދެއްވުމުގެ ގޮތުން ނެވެ. އެގޮތުން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅުވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފަ އެވެ. މީގެއިތުރުން އޭނާ ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާއަށްވެސް ތަކުރާރުކޮށް ފުރައްސާރަކޮށްފަ އެވެ.

ނަރީޝް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަކީ ސިޔާސީ މަޤްޞަދު ހާސިލުކުރުމަށް ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ވިދާކުދިކޮށްލި ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީން އާއިލީ ގުޅުންތައް ކަނޑުވާލައި، ދަރިންނާއި މައިންބަފައިން އެކަކު އަނެކަކާ ޖައްސައި، ލަދުހަޔާތް ކަނޑުވާލި ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ނަރީޝް ވިދާޅުވެފައިވަނީ އެމްޑީޕީން ސަލާމަތީ ބާރުތަކަށް ކުރަމުން އައި އިޙްތިރާމާއި ގަދަރު ކަނޑުވާލައި، ފިތުނަ ފަސާދައާއި ދޮގު ހެދުން މި ޤައުމުގައި އާންމު ކޮށްފައިވާ ކަމަށެވެ. އަދި ހައްޤަކާ ނުލައި މައުސޫމު މީހުންގެ އަބުރު ކަތިލައި، މި ޤައުމުގެ ޝާނާއި ޝައުކަތު ގެއްލުވާލި ކަމަށްވެސް ވިދާޅުވި އެވެ.

ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަކީ އެތައް ސަތޭކަ މިލިއަނުން މި ޤައުމު ދަރުވާލައި، މި ޤައުމުގެ ހަރުމުދާ ނުއަގުގައި ވިއްކާލި ޕާޓީއެކެވެ. މި ހުރިހާ ކަމެއް ކޮށްފައިވަނީ އެ ޕާޓީގެ ސިޔާސީ މަޤްޞަދުތައް ހާސިލުކުރުމަށް ކަމަށް ނަރީޝް ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ ނަމުގައި ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ.

އެޗްއާރުސީއެމްއިން ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. އަދި ކުޑަކުދިންނަކީ ޤާނޫނު އަސާސީއާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން އަދި ބައިނަލްއަޤްވާމީ މުއާހަދާތަކުން ހާއްސަ ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށްވާތީ، އެކުދިންގެ ކަރާމަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އޭގެއިތުރުން މި މައްސަލާގައި އިލެކްޝަންސް ކޮމިޝަން އަދި ޖެންޑާރ މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ވަނީ ކުޑަކުދިންގެ ހައްޤުތައް ގެއްލޭގޮތަށް، ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން ކުށްވެރިކޮށްފަ އެވެ. އަދި ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އެމްޑީޕީއަށް އިލްތިމާސްކޮށް ނަސޭހަތްތެރިވެފައިވެ އެވެ.

މަރިޔަމް ޒުބައިރު މުޒާހަރާގައި ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ އޭނާގެ ޢަމަލުތައް ފާޑުކިޔަމުންނެވެ.

އަހުމަދު ނަރީޝް އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ