އާއިލާއާއި އެކު މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދާން ގިނަ އަދަދެއްގެ ފައިސާ ދެއްކި ފަހުން، ނުގެންދެވޭނެ ކަމަށް އަސްކޮއި ހައްޖު އެންޑް އުމްރާ ގުރޫޕުން އެންގި މައްސަލަ ބަލައި، ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފަ ކަމަށެވެ. އަދި ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން ކަމަށާއި، އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ.
އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަަކު ބުނި ގޮތުގައި، އޭނާގެ މައިންބަފައިންނާއި އާއިލާގެ އިތުރު ތިން މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ ހަ މީހުން މި ދަތުރަށް ރަޖިސްޓަރީވެފައިވެ އެވެ. މި އާއިލާއިން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް، ޖެނުއަރީ 24 ވަނަ ދުވަހު މުޅި ދަތުރުގެ ފައިސާ ދައްކާ ނިންމާފަ އެވެ.
އައިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުނި ގޮތުގައި، މީހަކަށް 42,000 ރުފިޔާގެ މަގުން ޖުމްލަ 252,000 ރުފިޔާ ވަނީ އަސްކޮއި ހައްޖު ގްރޫޕަށް ދައްކާފަ އެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު އުމްރާއަށް ފުރާނެ ކަމަށާއި، ޝައްވާލު މަހުގެ 6 ވަނަ ދުވަހު އެނބުރި ރާއްޖެ އަންނާނެ ކަމަށް އަސްކޮއި ގްރޫޕުން ކުރިން ޔަގީންކަން ދީފައިވާ ކަމަށް އޭނާ ބުނި އެވެ.
ނަމަވެސް، ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ، ދިމާވި މައްސަލައެއްގެ ސަބަބުން އުމްރާ ދަތުރު ނުކުރެވޭނެ ކަމަށް އަސްކޮއި ގްރޫޕުން އަންގާފައިވެ އެވެ. އަދި ދައްކާފައިވާ ފައިސާގެ ރިފަންޑް ލިބޭނީ 2025 ވަނަ އަހަރުގެ އޭޕްރިލް 15 ގެ ފަހުން ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުނި އެވެ.
މި މައްސަލައާ ގުޅިގެން އާއިލާއިން ވަނީ އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހުއްދަ ބާޠިލުކޮށް، އެފަރާތަށް އެކަށީގެންވާ އަދަބު ދިނުމަށް އެދިފައިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވެސް މި މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުމްރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް