މިހިނގާ މާރިޗު މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފި އެވެ.
މިއީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަހަރުގެ ފެބުރުވަރީ 4 ވަނަ ދުވަހު ނެރުއްވި ދެންނެވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ނިންމުން ނިންމަވާފައިވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ މަޤްޞަދުގައެވެ.
ނަމަވެސް މި ބަންދު ދުވަސްތަކުގައިވެސް އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. މިގޮތުން އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތްތައް ދިނުމުގެ އިންތިޒާމު އެ މުއައްސަސާއަކުން ހަމަޖައްސަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.
ފަހު ދިހަައެއް ނިންމައި، އީދު ބަންދަށްފަހު އޮފީސްތައް ހުޅުވާނެކަމަށް ކަލަންޑަރުން ދައްކަނީ އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް އެވެ. ޖެހިގެން ހަފްތާ ބަންދުގެ ދެ ދުވަސް އިނުމާއެކު ބޮޑަށް ބެލެވޭ ގޮތުގައި އޭޕްރީލް 3 ވެސް ބަންދުކުރާނެ އެވެ. އެހެންކަމަށްވެއްޖެނަމަ، ދެން ސަރުކާރުގެ އޮފީސްތައް ހުޅުވައި ހިދުމަތްދޭން ފަށާނީ އޭޕްރީލް 6 ވަނަ ދުވަހު އެވެ.
