އަނަސް މަރުގެ މައްސަލަ: ތުހުމަތު ކުރެވޭ މީހުން ބަންދުނުކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައިކޯޓުން ނިންމައިފި އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2024 މޭ 16 ވަނަ ދުވަހު އެވެ.

އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދުމުން އިއްޔެ ހައިކޯޓުން ވަނީ އެ ކަމާމެދުގޮތެއް ނިންމާފަ އެވެ.

އެގޮތުން ހައިކޯޓުން މިކަމުގައި ނިންމި ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބުވުމުގެ އިހްތިމާލު ނުވަތަ ދަށުކޯޓުގެ ހުކުމް ބަދަލުވުމުގެ އިހްތިމާލު ބޮޑުކަން ދައްކުވައިދޭފަދަ ސަބަބެއް، ހުށަހެޅިފައި ނެތްކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ބާރުދޭ ހެކިހުރިކަން ދައުލަތަށް އެސްޓެބްލިޝް ކޮށްދެވިފައިނެތުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް މި މައްސަލައިގެ އިސްތިއުނާފީ މަރުހަލާގެ ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ ހާލަތެއް މިވަގުތު ނެތްކަމަށްވެސް ހައިކޯޓުން ބުނެފައިވެ އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، އިސްފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ހައި ކޯޓު އަނަސް މަރާލި މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ