މިއަހަރުގެ ޖެނުއަރީ މަހު ޖެންޑަ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖެނުއަރީ މަހު ޖުމްލަ 258 މައްސަލަ ހުށަހެޅުނު އިރު، އޭގެ ތެރެއިން 112 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އިހުމާލުވުމުގެ 32 މައްސަލަ ހުށަހެޅިފައިވެ އެވެ.
މީގެ އިތުރުން، ޖިސްމާނީ ހާނިކައިގެ 21 މައްސަލަ، ޖިންސީ ހާނިކައިގެ 20 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، އަދި ނަފްސާނީ ހާނިކައިގެ 9 މައްސަލަ ހުށަހެޅިފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 57 މައްސަލަ ވެސް ހުށަހެޅިފައިވެ އެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 26 މައްސަލައާއި، ނަފްސާނީ އަނިޔާ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 17 މައްސަލަ ހިމެނެ އެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައިވަނީ އަންހެނުންނެވެ. އެގޮތުން 44 އަންހެނުންނަށް އަނިޔާކޮށްފައިވާއިރު، 13 ފިރިހެނުންނަށް އަނިޔާކޮށްފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 64 އަންހެން ކުދިންނާއި 81 ފިރިހެން ކުދިން ތިބިއިރު، ޖެނުއަރީ މަހު އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. އަދި އެއް ކުއްޖަކު ރައްކާތެރި މާހައުލަކަށް ބަދަލުކުރެވި، ފަސް ކުދިން އަނބުރާ އާއިލާއާ ހަވާލުކުރެވިފައިވެ އެވެ.
