އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވޭނީ ޤާނޫނު ފާސްކޮށް ތަސްދީގު ކުރުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ކެބިނެޓުން ނިންމި ނިންމުން ތަންފީޒު ކުރެވިފައި ނުވަނީ ކީއްވެތޯ ފޮރިން މިނިސްޓަރު ޚަލީލާ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ލިޔުމުން ފޮނުވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައިވެ އެވެ.
އެގޮތުން މިނިސްޓަރު ޚަލީލް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު 2 ޖޫން 2024 ގައި ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި މި ނިންމުން ތަންފީޒު ކުރުމަށްޓަކައި އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށާއި އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިވަގުތު އޮތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވެފައިވެ އެވެ.
”އިސްވެ ދެންނެވި ނިންމެވުން ތަންފީޛުކުރުމަށްޓަކައި ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިސްލާހު ގެންނަންޖެހެއެވެ. އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގައި ކަމާގުޅުންހުރި އެކިއެކި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މަރުހަލާގައެވެ. މި ދެންނެވި އިސްލާޙު ޤާނޫނަކަށް ވުމާއެކު، ސަރުކާރުގެ ނިންމުން ތަންފީޛުކުރުމަށް މަގުފަހިވެގެން ދާނެ ކަމުގައި ދަންނަވަމެވެ.“ މިނިސްޓަރު ޚަލީލްގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން މިނިސްޓަރު ޚަލީލް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެ ކަންކަމާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ހެދުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މީގެކުރިން ނިންމާފައިވަނީ އެ އިސްލާހުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީއަށް ނިންމުމަށެވެ. ނަމަވެސް މިދިޔަ މަހު ކޮމިޓީން ނިންމާފައިވަނީ މި އިސްލާހުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމުމަށެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖެ - އިޒްރޭލް އިޒްރޭލު ޕާސްޕޯޓް އިޒްރޭލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް