އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފި އެވެ.
މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އެފަރާތްތަކުގެ ފަންނީ ޤާބިލުކަމާއި، މިފަދަ މަސައްކަތްތަކުން ލިބިފައިވާ ތަޖުރިބާގެ ތަފްސީލު ހުށަހަޅަންޖެހޭނެ އެވެ. މީގެއިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އަންގައިދޭ ލިޔެކިޔުންތައްވެސް ހުށަހެޅުން ލާޒިމްކޮށްފައިވެ އެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ އެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެ އެވެ.
މި ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ”ދަ އަރަބް ކޮންޓްރެކްޓާސް – އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ“ އާ ހަވާލުކޮށްގެން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމާފަ އެވެ. ގާތްގަނޑަކަށް 15 ކިލޯމީޓަރުގެ ދިގުމިން ހުންނާނެ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖް ކަމުގައި ވެގެންދާނެ އެވެ.
މި މަޝްރޫޢުއާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް މިނިސްޓްރީން އަންގާފައިވެ އެވެ.
އައްޑޫ ބްރިޖް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް ފިނޭންސް