މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުގެ ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން 27 ނޮވެމްބަރުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ބަޖެޓްގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ އިތުރުން، އެމުއްދަތުގައި ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައިވާކަން ރިޕޯޓުން ފާހަގަކުރެވެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 35.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 އިންސައްތަ އިތުރު އަދަދެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ، ޚާއްޞަކޮށް ޓީ-ޖީއެސްޓީއިން ބޮޑު ކުރިއެރުމެއް ލިބުމާއި، ބިމާ ގުޅުންހުރި އާމްދަނީ އިތުރުވުން ހިމެނެ އެވެ. ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގަ އެވެ. އެގޮތުން ޓެކްސް އާމްދަނީ 24.0 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.8 އިންސައްތައިގެ އިތުރުވުމެކެވެ.
ޚަރަދުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ ޚަރަދުތައްވެސް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ. ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމުލަ ވަނީ 42.0 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.6 ބިލިއަން ރުފިޔާ ނުވަތަ 13.2 އިންސައްތަ ދަށްވުމެކެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ޚަރަދުތައް ވެސް ހިމެނޭ ކެޕިޓަލް ޚަރަދުތައް ވަނީ 2024 ވަނަ އަހަރުގެ އެމުއްދަތަށްވުރެ ދަށްވެފަ އެވެ. މިނިސްޓްރީން ބުނެފައިވަނީ މިއީ މަޝްރޫޢުތައް ރަނގަޅަށް ތަރުތީބުކޮށް އިސްކަންދިނުން ރަނގަޅުވުމުގެ ނަތީޖާއެއް ކަމަށެވެ.
މި ރިޕޯޓަށް ބަލާއިރު ރިކަރަންޓް ޚަރަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފަ އެވެ. އެގޮތުން 30.8 ބިލިއަން ރުފިޔާއިން 31.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 440.0 މިލިއަން ރުފިޔާ ނުވަތަ 1.4 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރެއިން މުސާރަ، އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ވަނީ 12.41 ބިލިއަން ރުފިޔާއިން 12.92 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 516.0 މިލިއަން ރުފިޔާ ނުވަތަ 4.2 އިންސައްތަ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ 1 ނޮވެމްބަރު 2025 އިން ފެށިގެން ގިނަ ދާއިރާތަކެއްގެ ޕޭ-ހާމަނައިޒޭޝަން ސިޔާސަތު ތަންފީޒްކުރަން ފެށުން ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މި ރިޕޯޓުން ދައްކައިދެނީ ސަރުކާރުން މާލީ ހަރުދަނާކުރުމާއި، މުސާރަ އަދި ޚިދުމަތުގެ އިސްލާޙުތަކާއި، ގައުމީ ތަރައްޤީއަށް އިންވެސްޓްކުރުމުގެ މަޤްޞަދުތައް ކާމިޔާބުކަމާއެކު ހަމަޖައްސަމުން އަންނަ ކަމެވެ. ޑެފިސިޓް މިހާ ބޮޑުތަނުން ކުޑަވުމަކީ އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެއްކަން މިނިސްޓްރީން ފާހަގަކުރެ އެވެ.


