ޖީއެސްޓީ އާއި އާމްދަނީ އިތުރުވުމާއެކު އެސްޑީއެފްއަށް ޖަމާކުރި ފައިސާ އިތުރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތަށް މުދަލާއި ހިދުމަތުގެ އަގުން ލިބުނު ޓެކްސް އިތުރުވެ، ޖުމްލަ އާމްދަނީ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖަމާ ކުރި ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ މިހާރު ވަނީ 35.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން، މި މުއްދަތުގައި ދައުލަތުގެ ޑެފިސިޓް ވަނީ ކުރީ އަހަރުގެ 10.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެއްކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގަ އެވެ. އެގޮތުން ޓެކްސް އާމްދަނީ 24.0 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.8 އިންސައްތައިގެ އިތުރުވުމެކެވެ. ޚާއްޞަކޮށް މުދަލާއި، ޚިދުމަތްތަކުން ނެގޭ ޓެކްސް (ޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖުމްލަ ޖީއެސްޓީ މިދިޔަ އަހަރުގެ 12.82 ބިލިއަން ރުފިޔާއިން 14.37 ބިލިއަން ރުފިޔާއަށް މިއަހަރު އިތުރުވެ، 12.1 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. މީގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ 14.2 އިންސައްތަ އިތުރުވެ، 9.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖީޖީއެސްޓީ 8.1 އިންސައްތަ އިތުރުވެ 4.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދާފަ އެވެ. ޓެކްސް ނޫން އާމްދަނީ ޖުމުލަ 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.0 އިންސައްތައިގެ އިތުރުވުމެކެވެ. މި ކުރިއެރުމުގެ ތެރޭގައި ހަރުމުދަލުގެ އާމްދަނީގެ ހިއްސާ ބޮޑުވެފައިވާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވާ އެއް ބަޔަކީ ބިން ވިއްކުމާއި ބަދަލުކުރުމަށް ނެގޭ ފީ އެވެ. ލޭންޑް އެކުއިޒިޝަން އަދި ކޮންވަރޝަން ފީ 27.7 އިންސައްތަ އިތުރުވެ، 558.3 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

މި މާލީ ކުރިއެރުންތަކުގެ ސަބަބުން، ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު ވަނީ އިތުރުކުރެވިފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ