މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުން މިއަދުން ފަށައިގެން ކުރިއަށްގެންދާނެކަމަށް ޒަކާތު ހައުސް އިން ހާމަކޮށްފި އެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި ޒަކާތް ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން 27 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް ޖުމްލަ 6 ޕްލެޓްފޯމެއް ވަނީ ތަޢާރަފުކޮށްފަ އެވެ. އެގޮތުން ދިރާގު އެޕް/ދިރާގު ޕޭ، އުރީދޫ އެމް-ފައިސާ، އެމްއައިބީ ފައިސާ މޮބައިލް، ބީއެމްއެލް މޮބައިލް، ފަހިޕޭ އަދި ބަނޑޭރިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެ އެވެ.
ނަގުދު ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު
އޮންލައިންކޮށް ފައިސާ ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުން ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. މާރިޗު 2 އިން 20 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30 އިން 11:30 އަށް، އަދި މާރިޗު 23 އިން 30 އަށް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 11:00 އިން 14:00 އަށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަނެވޭނެ އެވެ.
ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އަގުތައް
މިއަހަރުގެ ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އަގުތަކުގެ ތެރޭގައި އާދައިގެ ހަނޑޫ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ 62 ރުފިޔާ، ރަތް ހަނޑޫ 86 ރުފިޔާ، އަދި އެކި ވައްތަރުގެ ބާސްމަތީ ހަނޑޫ 74 ރުފިޔާއިން ފެށިގެން 133 ރުފިޔާއާ ހަމައަށް ހިމެނެ އެވެ. މީގެއިތުރުން އާދައިގެ ފުށް 10 ރުފިޔާ އަދި އާޓާ ފުށް 75 ރުފިޔާއަށް ވަނީ ކަނޑައަޅާފަ އެވެ.
މާލެ ސިޓީ ފިޔަވާ އެހެން ރަށްތަކުގައި އެރަށެއްގެ ރަށު/ސިޓީ ކައުންސިލުން ނަގުދު ފައިސާ ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ އަންގާފައެވެ.
ރަމަޟާން 1446 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް ފިތުރު ޒަކާތް