ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތެރޭގައި ހިނގާ ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރު ރާއްޖޭގެ ކޯޓުތަކަކަށް ލިބިގެން ނުވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، މި އިސްލާހަށް ތާއީދުކުރާ ކަމަށާއި އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުންވެސް މި އިސްލާހަށް ތާއީދު ކުރާ ކަމަށެވެ. ޝުޖާއު ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުގައި އޮތީ ފަނޑިޔާރުން ވަކިކުރާ ވާހަކަ ނޫންކަމަށާއި، ދައްކަނީ ސުޕްރީމް ކޯޓުގެ ބެންޗު 7 ފަނޑިޔާރުންގެ ބަދަލުގައި 5 ފަނޑިޔާރުންނަށް މަދުކުރާ ވާހަކަ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ކޯޓުތަކުން ކުރާ ހުކުންތަކަށް ރައްޔިތުންނަށް ފާޑުކިޔެންވާނެ ކަމަށާއި މަޖިލީހުން ހަދާ ޤާނޫނަށް ރައްޔިތުންނަށް ފާޑުކިޔޭނަމަ ކޯޓުތަކުގެ ހުކުމަށްވެސް ރައްޔިތުންނަށް ފާޑުކިޔެންޖެހޭނެ ކަމަށެވެ.
ޤާނޫނުއަސާސީގެ އިންތިގާލީ މަރުހަލާގައިވެސް ސުޕްރީމް ކޯޓުގެގެ ބެންޗުގައި ތިއްބެވީ 5 ފަނޑިޔާރުން ކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ އޭގެފަހުން އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު 7 ފަނޑިޔާރުންނަށް އިތުރުކޮށްފައިވާކަމަށެވެ. ޝުޖާއު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ 5 ފަނޑިޔާރުން ކަމަށް އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ، ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރެއް ކޯޓުތަކަށް ލިބިގެން ނުވާ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތެރޭގައި ހިނގާ ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރެއް ދިވެހި ރާއްޖޭގެ ކޯޓުތަކަކަށް ލިބިގެން ނުވޭ.“ ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގައި އޮތީ 3 ބާރު ވަކުވެފައިވާ ނިޒާމެއްކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް ފެންނަނީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްދޭތީ އެކި ގޮތްގޮތުން އެއްބާރުން އަނެއްބާރަށް ވެރިވެގެން ނަމަވެސް ދަތިކުރާތަން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ގާނޫނު ހެދުމާ ޤާނޫނުއަސާސީ ބަދަލުކުރުމަކީ މަޖިލީހަށް މުތުލަގަށް ދީފައިވާ ބާރެއް ކަމަށާއި މި ބާރުގެ ތެރެއަށް އެހެން ބާރަކަށް ނުވަދެވޭނެ ކަމަށް ޝުޖާއު ވިދާޅުުވި އެވެ. އަދި އެކަން މެންބަރުން ކަށަވަރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.