އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އެ ޕާޓީއަށް ގިނަ އަދަދެއްގެ އާންމުން ވައްދާފައިވަނީ ވަގަށް، އެ މީހުންނަށް ނޭނގި ކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާރު ވަގަށް ޕާޓީއަށް މީހުން ވެއްދުމުގެ ކަންކަމަށް ހައްލެއް ގެނެސްފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާން އެގޮތަށް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުންނެވެ. އެމްޑީޕީން ހުށަހެޅި މައްސަލައިގައި މައިގަނޑު އެއް ކަމަކަށް ފާހަގަކޮށްފައި އޮތީ އިހުސާންގެ މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި މައުލޫމާތުތަކުން ’ވައްކަންކޮށް‘ އެތައް ބަޔަކަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތެވެ.
އިހުސާން ވިދާޅުވި ގޮތުގައި 2018 އިން 2023 އަށް އެމްޑީޕީއަށް ވެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި 520 މީހުން އެ މީހުންނަށް ނޭނގި ޕާޓީއަށް ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތަކުން ދައްކަ އެވެ. އަދި 2024 ވަނަ އަހަރު ޕީއެންސީއަށް 40,000 މީހުން އިތުރުވެފައިވާ ކަމަށާއި، އޭގެތެރޭގައި 183 މީހުން އެ މީހުންނަށް ނޭނގި ވެއްދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެން ކުރާ ކަމެއް ނޫން އެއީކީ އިއްޒަތްތެރި ރައީސް. އަނެއްކާ މިކަމުގައި ދައުލަތުގެ ތެރޭގައި މިފަދަ މައްސަލަތަކުގައި ވަރަށް ހަމަޖެހޭ ނިޒާމެއް އޮވޭ. މި މައްސަލަ ހުށަހެޅުމުން، މައްސަލައަކީ ފޯޖަރީ މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމާ ގުޅިގެން އެ މައްސަލަ ސާބިތުވާ، ތަޙުޤީޤަށް ސާބިތުވާ ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވަނީ,“ އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އީ-ފާސް ބޭނުންކޮށްގެން މީހަކަށް ނޭނގި އެ މީހަކު ޕާޓީއަކަށް ނުވެއްދޭނެ ނިޒާމެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އީ-ފާސްގެ ޒަރީއާއިން އެ މީހަކަށް އެނގިގެން ފުލް އޮތެންޓިކޭޝަނާ އެކުގައި މީހަކު ޕާޓީއަށް ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ އެމްޑީޕީ