ފުލުހުންގެ ތަހުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ނިމިދިޔަ ސަރުކާރުގެ އެންމެހާ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާންގެ މައްޗަށް އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ފުލުހުންގެ މުއައްސަސާގެ މިނިވަންކަމަށް އެއްވެސް އަސަރެއް ކުރާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
”ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ޖަލުގައި ތިބޭނެ. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު ތިބީ،“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި، ފުލުހުން ހިންގާ ޖިނާއީ ތަޙުޤީޤުތަކަށް މިނިސްޓަރު ނުފޫޒު ފޯރުވާ ކަމަށާއި، ބައެއް ތަޙުޤީޤުތަކަށް ހުރަސްއަޅާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް މި ތުހުމަތުތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދައުލަތުން ކުރާ ތަޙުޤީޤުތައް ކުރިއަށްދަނީ ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ތެރެއިން ކަމަށާއި، އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވުމަކާ ނުލައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން މިވަގުތު، އެއްވެސް ސިޔާސީ ވަކި ފަރާތަކާއި ގުޅުންހުރި މައްސަލައެއް ކުރިއަކަށް ނުދެ އެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ކުރީގެ ސަރުކާރާއި ގުޅުން ހުރި ގިނަ ހިޔާނާތުގެ މައްސަލަތަކެއް ތަހުޤީޤްކުރަމުން ނެވެ.
އޭގެ ތެރޭގައި ސެޓްލްމަންޓް ކޮމިޓީން ގަވާއިދާ ޚިލާފަށް ގެއްލުމުގެ ބަދަލު ދިން މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފަ އެވެ. އޭގެއިތުރުންވެސް ”ގެދޮރުވެރިޔާ“ އާއި ”ބިންވެރިޔާ“ ސްކީމާ ގުޅޭ މައްސަލަތަކެއްވެސް ބަލަމުން އަންނައިރު، ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެއްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ