މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެ: މިނިސްޓަރު އިހުސާން

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިއަހަރު ނިމުމުގެ ކުރިން ރައްޔިތުންނަށް ފެންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ތ. ބުރުންޏަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން މިއަދު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބުރުނީގައި މި އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ވަރަށް ހާއްސަ ސަމާލުކަމެއް ދިގެން ފުލުހުން މަސައްކަތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާކަންވެސް މިނިސްޓަރު އިހުސާން ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތުގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

”ކުރިން މި ސިޔާސަތު އޮތީ ޑްރަގު ބޭނުންކުރާ ފަރާތްތައް ހިފާ ހައްޔަރުކުރުމަށް. އޭގެ ބަދަލުގަ މިހާރު އަޅުގަނޑުމެން މިހާރު މިދަނީ ޑްރަގު ވިއްކާ އޭގެ ވިޔަފާރި ކުރާ މީހުން ފަހާ. އެހެންކަމުން މިކަމަށް އަޅުގަނޑުމެން ދާއިމީ ހައްލު ގެނެސްދޭނަން.“

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިހުސާން ވިދާޅުވީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1580 މީހުން ހައްޔަރުކޮށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭ ގޮތަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ވިސްނާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވަނީ ޖުލައި 30 ވަނަ ދުވަހު އެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މަސްތުވާތަކެތި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ