ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އޭޕްރީލް 15 ގެ ކުރިން ލިބޭނެ ކަމަށާއި، އޭގެ ފަހުން އެއްވެސް ބޭހަކަށް ދަތިކަމެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާރިޗު 15 އިން ފެށިގެންނާއި، އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އޭޕްރީލް 15 އިން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.
ރައީސް ވަނީ ”މެޑިކަލް މާފިޔާ“ އަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރި ކުރި ކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
”ބޭސް ލިބުން ދަތިވީ، ބޭހުގެ އަގު ދަށްކުރުމުން ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ވިޔަފާރިވެރިން އެ ބޭސް އެތެރެ ކުރުން ހުއްޓާލުމުން. ރައްޔިތުންގެ ޓެކްސް ފައިސާއިން، އާސަންދައިގެ ތެރެއިން، %1000 ނުވަތަ %2000 ފައިދާ [އެ ވިޔަފާރިވެރިން] ދިޔައީ ނަގަމުން،“ ރައީސް ވިދާޅުވި އެވެ.
އެސްޓީއޯ އިން ވިއްކާ އަގަށް، ބޭހުގެ އަގު ތިރިކޮށް އެކަން ހުއްޓުވުމުން ވިޔަފާރިވެރިން ބޭސް އެތެރެ ކުރުން ހުއްޓާލައި ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް، އެކަން ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީގެ އެހީއާއެކު، އެސްޓީއޯއިން އެ ހުރިހާ ބޭހެއް އެތެރެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދ. މީދޫ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)