މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވިތާ 2 އަހަރު ފުރުނު އިރު 2 އަހަރު ތެރޭ އެރަށަށް 50،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި އެވެ.
ކުޑަގިރި ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ކުޑަގިރި ބޭނުންކުރަން ފެށި ފަހުން މިދިޔަ ދެ އަހަރުގެ ތެރޭގައި 54،724 މީހުން ކުޑަގިރިއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ކުޑަގިރި ހުޅުވިތާ ދެ އަހަރު ފުރުމުގެ މުނާސަބަތުގައި އެޗްޑީސީގެ އިސްވެރިން އިއްޔެ ކުޑަގިރިއަށް ޒިޔާރަތްކޮށް، އެތަނުގެ އިންތިޒާމުތައް ބަލާލި އެވެ. މި ދަތުރުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލް އާއި ޗެއަރމަން އަހުމަދު ނާސިފުގެ އިތުރުން ބޯޑު މެންބަރުން ބައިވެރިވި އެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި ކުޑަގިރިން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު 70 ޕަސެންޓަށްވުރެ ގިނަ ކަސްޓަމަރުން ހިތްހަމަޖެހެ އެވެ.
ކުޑަގިރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ޚިދުމަތްދޭ ގަޑި ކޮންމެ ރެއެއްގެ 11:30 އަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. މީގެ އިތުރުން، ކުޑަގިރީގައި ޑައިވް ސެންޓަރެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.
ކުޑަގިރީގައި ހުރި ވަސީލަތްތަކުގެ ތެރޭގައި ހަތް ބީޗާއެކު 13 ހަޓު، މޫދު ކުޅިވަރަށް ޚާއްސަ ވަސީލަތްތައް، މިސްކިތެއް، ކްލިނިކެއް، ފިހާރައެއް، ޕްރައިވެޓް ރޫމްތަކާއި ޗޭންޖިންގ ރޫމްތައް، އަދި ފާޚާނާތައް ހިމެނެ އެވެ. މާލެއިން ކުޑަގިރިއަށް ދަތުރުކުރެވެނީ ދޯނި ފެރީގައި ގާތްގަނޑަކަށް ގަޑިއެއްހާއިރުންނެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ފުރަތަމަ ހުޅުވުނީ 11 ފެބްރުއަރީ 2023 ގައެވެ. މި ރަށަކީ މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހަދާފައިވާ ރަށެކެވެ. މި ރަށް ތަރައްޤީކޮށްފައިވަނީ ދުވާލަކު 500-600 މީހުންނަށް ޚިދުމަތް ދެވޭނެ ގޮތަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުޑަގިރި އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް