މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ރަސްމީކޮށް ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް ރައީސް އޮފީހަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ރަސްމީ ކާރުކޮޅުގައެވެ. ނަމަވެސް މި ބައްދަލުވުމަކީ ކޮން ބޭނުމެއްގައި ބޭއްވުނު ބައްދަލުވުމެއްކަން މަޖިލީހުންވެސް އަދި ރައީސް އޮފީހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުން ބޭއްވުނީ ދެ ބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ. މިގޮތުން، ނިމިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު، މަޖިލީހުގެ ރައީސްގެ ދަރިކަލުން އިބްރާހިމް ފައިސަލް، ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުމަށް އަސަރުކޮށްފައިވާ ކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ.
ފައިސަލް މަޤާމުން ވަކިކުރެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސް މީޑިއާއަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް މުޢިއްޒާއި ދެމެދު ރަނގަޅު ގުޅުމެއް އޮތްނަމަ، އެމަނިކުފާނުގެ ދަރިކަލުން މަޤާމުން ވަކިނުކުރައްވާނެ ކަމަށެވެ. ފައިސަލް މަޤާމުން ވަކިކުރެއްވި ސަބަބު ސަރުކާރުން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެ އެވެ.
މިއަދުގެ ބައްދަލުވުމަކީ ފައިސަލް މަޤާމުން ވަކިކުރެއްވި ފަހުން، މަޖިލީހުގެ ރައީސްއާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވި އިރު ދެ ރައީސުން ވަނީ ބައްދަލުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރައްޔިތުންގެ މަޖިލިސް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް