ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓްގެ ދެ އަންހެން ވަޒީރުން މިއަދު އަތޮޅުތަކަށް ދަތުރުފުޅު ފައްޓަވައިފި އެވެ. މި ދަތުރުފުޅުތަކުގައި ވަޑައިގެންފައިވަނީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ.
އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ގދ. އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް އެ އަތޮޅަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި ފަޅުރަށްތަކުގެ ޙާލަތު ބައްލަވާލެއްވުމެވެ. މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެ ދާއިރާއިން އެ އަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީއާއި އަތޮޅު ކައުންސިލާ ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވަނީ ށ. އަތޮޅު ފުނަދޫއަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެ ކުދިންގެ ޙާލު ބެއްލެވުމެވެ.
މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް މިއަދު ވަނީ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާ، ތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އަމާންވެށީގައި ތިބި ކުދިންނަށްވެސް ޒިޔާރަތްކުރައްވާ، އެ ކުދިންގެ ޙާލު ބައްލަވައި، އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުތަކުގައި ދެ މިނިސްޓަރުންވެސް އެ ބޭފުޅުންގެ ވުޒާރާތަކުގެ އިސް ބައެއް ބޭފުޅުންނާއި އިދާރީ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
