ކ. ކުޑަގިރި ފަޅުތެރޭގައި އައު ޑައިވް ރެކް ސައިޓެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މި މަޝްރޫޢުގެ ދަށުން އެއާ މޯލްޑިވްސްގައި ކުރިން ބޭނުންކުރި ދެ މަތިންދާބޯޓު ފަޅުތެރެއަށް ފައްތާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކޮށްފައިވާ މަޝްރޫޢުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން، މިއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ފައްތާލަން ހަމަޖެހިފައިވަނީ އެއާ މޯލްޑިވްސްގައި ކުރިން ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ. މި ބޯޓުތައް ފައްތާލުމުގެ ކުރިން ސާފުކުރަންޖެހޭ މަސައްކަތްތައް ވަނީ ނިންމާފަ އެވެ. އަދި ބޯޓުތައް އޮޔާއި ރާޅަށް ގުޑާގުޑުން ކުޑަކުރުމަށްޓަކައި ބަރުކުރުމަށް ތައްޔާރުކޮށްފައިވާ ފައިތަނބުތައް ވެސް ވަނީ ތައްޔާރުކޮށް ހަރުކޮށްފަ އެވެ.
މި މަޝްރޫޢުގެ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަތިންދާބޯޓުތައް ގެންގުޅުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ތެރޭގައި ސިއްޙީ އަދި ޖިސްމާނީ ހާނިކައިގެ ނުރައްކާ ކުރިމަތިވެދާނެ އެވެ. އެހެންކަމުން، މަޝްރޫޢުގައި ބައިވެރިވާ މީހުންނަށް މިފަދަ ނުރައްކާތައް ކުޑަކުރުމަށްޓަކައި، ޒިންމާދާރު ފަރާތުން ބައިވެރިންނަށް ރައްކާތެރިކަމާއެކު މަސައްކަތްކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރަންޖެހޭ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މި މަޝްރޫޢު ނިމުމުން، ކުޑަގިރި ސަރަޙައްދުގައި އައު ޑައިވް ސައިޓެއް ޤާއިމުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި މަޝްރޫޢަކީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރިއަށް ގެންދެވޭ މަޝްރޫޢެއްކަން ކަށަވަރުކުރުމަށް އީޕީއޭއިން ވަނީ އެންމެހައި ފިޔަވަޅުތަކެއް އަޅާފަ އެވެ.
