ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އައްޔަންކުރައްވައިފި އެވެ.
މި މަޤާމާ އޭނާ ޙަވާލުވެވަޑައިގަންނަވާނީ 27 ޖެނުއަރީ 2025 ގަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު އުފެދުނު އެމްއައިޑީއެފްޒެޑްއަކީ ސަރުކާރުގެ ފަސް ބޮޑު ކުންފުންޏެއް ހިމެނޭ އައު މުއައްސަސާއެކެވެ. މި މުއައްސަސާގައި ހިމެނެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
އެމްއައިޑީއެފްޒެޑްގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަން ހަރުދަނާކުރުމާއެކު، އަވައްޓެރި ޤައުމުތަކާއެކު އިމްޕޯޓް އަދި ރީ-އެކްސްޕޯޓް ވިޔަފާރީގެ ތެރެއިން ޤައުމީ އާމްދަނީ އިތުރުކުރުމެވެ.
ޑރ. ޝަފީޤަކީ 30 ސެޕްޓެމްބަރ 2023 ގައި ކެބިނެޓް ބަދަލުކުރެއްވުމާ ހަމައަށް ފިނޭންސް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އޭނާގެ މަޤާމަށް ފަހުން އައްޔަންކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިނިސްޓަރުކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު، ޑރ. ޝަފީޤު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ގުޅިވަޑައިގެންފަ އެވެ. އަދި މީގެ ކުރިން، 2021 އިން 2023 އަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަޤާމާއި އެހެނިހެން އިސް މަޤާމުތައްވެސް ފުރުއްވާފައިވެ އެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކޮމްޕެނީ (އެމްއައިޑީއެފްޒެޑް) ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
