އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލައި ނުގަތުމަށް ނިންމައިފި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެން ނުޖެހޭ ބަޔަކަށް އަސްލު ނޫން ލިޔުންތަކެއް ދޫކޮށް، އެ ލިޔުންތައް ބޭނުންކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރެއިން ގޯތިތަކުގެ އިންކަނޑާ ހެދި މައްސަލާގަ އެވެ.
މި މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ދެ ފަހަރުގެ މަތިން ނެރެފައިވެ އެވެ.
އަކްރަމްގެ ފަރާތުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ މިދިޔަ ހަފުތާ ނިންމައިފައިވަނީ މައްސަލަ ބަލައިނުގަތުމަށެވެ.
މި މައްސަލަ ބަލައިނުގަތުމަށް ނިންމި ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އަޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށާއި އެ އަމުރު އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ކަންކަމަކީ ދަށު ކޯޓަށް ހުށަހަޅައި އެއާމެދު ބަހުސްކޮށް މުރާޖާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
ވަގު ގޯތި މައްސަލައިގައި އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެވެސް ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ.