ލ. ގަމުގައި މަހާއި ހުއިފިލަނޑާ ކައްކައި ހިއްކުމަށާއި އެފަދަ އެހެން މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ގަމު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު B1 އަދި B2 ނަންބަރު ބިންތަކެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުންނެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގައި ގަމު ކައުންސިލް އިދާރާގެ ސެމިނާ ރޫމުގަ އެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މި މަހުގެ 18 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލަށް ހާޒިރުވެ ނުވަތަ 6801024 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.