ލ. ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަކުރެވޭ މި ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ބިމުގެ ސަރަހައްދު ކަނޑައެޅުމާއި، ފަރުވާގެ ޕްލޭންތަކުގެ ބާވަތްތައް ދެނެގަތުން ހިމެނެ އެވެ.
މުޖުތަމަޢުގެ ތެރޭގައި ރިހެބިލިޓޭޝަންގެ ޚިދުމަތްތަކަށް އިތުރުވަމުންދާ ބޭނުންތަކަށް ހައްލެއް ހޯދުމުގައި މިފަދަ ސެންޓަރެއްގެ ސްޓްރެޓެޖިކް މުހިންމުކަން ފާހަގަކުރެވި، އެކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފަ އެވެ. މި ބައްދަލުވުމުގައި ލ. ގަމު ކައުންސިލްގެ ރައީސްގެ އިތުރުން އެންޑީއޭގެ ބޯޑު މެންބަރުންނާއި ޓެކްނިކަލް މުވައްޒަފުން ބައިވެރިވި އެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. މި މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގަ އެވެ.
މި މަޝްރޫޢުތައް ފުރިހަމަވުމުން، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.