ޒިންމާވާނެ މީހަކު ނެތުމުން ޑީއާރްޕީ ދަރަނީގެ މައްސަލަ ކުރިއަށް ނުދިޔަ

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތުމުން، އެޕާޓީގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހޯދުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މިއީ ޑީއާރްޕީން ދަރުބާރުގެ ކުއްޔަށް ނެގުމަށްފަހު ދައްކަންޖެހޭ 83،200 ރުފިޔާ އަކީ އެޕާޓީން ދައްކަންޖެހޭ ފައިސާއެއްކަމަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން 2018 ވަނަ އަހަރު ނިންމާފައިވާ މައްސަލަ ތަންފީޒު ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މައްސަލައެކެވެ.

ސިވިލް ކޯޓުން 2018 ވަނަ އަހަރު ޑީއާރްޕީގެ މައްޗަށް ހުކުމް ކޮށްފައިވަނީ 1 މަސްތެރޭގައި އެ ފައިސާ ދެއްކުމަށެވެ. އެހެންނަމަވެސް ޑީއާރްޕީން އެފައިސާ ދައްކާފައި ނުވާތީ އެ މައްސަލަ ސިވިލް ކޯޓުގައި ބަލަމުންދަނިކޮށް 2023 މާޗް 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ޑީއާރްޕީ އުނިކުރިކަން ސިވިލް ކޯޓަށް އަންގާފަ އެވެ.

މި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ޑީއާރްޕީގެ އިސްވެރިއެއްގެ ހައިސިއްޔަތުން އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބޭންކް އެކައުންޓްގައި ހުރި 5،951 ރުފިޔާ ކޯޓަށް ޖަމާކުރި އެވެ. އެހެންނަމަވެސް އެ ދަރަންޏަށް ނަޝީދު ޒިންމާވާންޖެހޭ ކަމާމެދު ސުވާލުއުފައްދާފައިވުމުން އަދި ތަންފީޒުކުރުމުގެ ގަޒިއްޔާގައި ނަޝީދުގެ ނުރުހުމުގައި އޭނާ ޒިންމާކުރެވޭނެ ހަމައެއް ނެތުމުން އެފައިސާ ވަނީ އަނބުރާ ހަވާލު ކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން މި މައްސަލައިގެ ތެރެއިން އެދިފައިވަނީ މި ދަރަންޏަށް ޝަހްސީގޮތުން ޒިންމާވާންޖެހޭ ފަރާތެއް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، މި މައްސަލަ ހިނގަމުން ދަނިކޮށް ޑީއާރްޕީ އުވާލާފައިވުމުން، އެ ޕާޓީގެ މައްޗަށް ސާބިތުވެފައިވާ ދަރަންނަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމުގެ ކުރިން، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ތަނެއް ނެތްކަމަށެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ