ހުޅުމާލެ 2 ގައި އޮންނަ ބިމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލާޖައްސައި، އެ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ބަދަލުކޮށްފި އެވެ.
ބީއެމްއެލްއަށް ފޭސް 2 އިން މި ބިން މިލްކުކޮށްދީފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމަކުންނެވެ. މި މުއާމަލާތް ކުރިއަށް ގެންގޮސްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބީއެމްއެލްއާ ދެމެދުގަ އެވެ.
ކޯޓުގެ ހުކުމުގައި އޮތީ އެޗްޑީސީގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް 15،800 އަކަފޫޓުގެ ބިމުގެ މިލްކުވެރިކަން ބީއެމްއެލްއަށް ބަދަލުކޮށްފައިވަނީ، ބީއެމްއެލްގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ހަމަ އެ ސައިޒުގެ (15،800 އަކަފޫޓުގެ) ބިމަކާ ލާޖައްސައިގެން ކަމަށެވެ. މީގެ ސަބަބުން މިހާރު ހުޅުމާލެ 2 ގެ ބިމުގެ މިލްކުވެރިކަން ބީއެމްއެލްއަށް ލިބިފައިވާއިރު، ހުޅުމާލެ 1 ގެ ބިމުގެ މިލްކުވެރިކަން ވަނީ އެޗްޑީސީއަށް ބަދަލުވެފަ އެވެ.
މި މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލުކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭނެ ކަމުގައިވިޔަސް، މި ދެ ބިމަކީވެސް އެޗްޑީސީގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ބިން ކަމަށްވާތީ އެކަމުގައި ނާޒިރުގެ ރުހުން އޮތްތޯ ބަލަން ނުޖެހޭނެ ކަމަށެވެ. އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށް ކޯޓުގެ ހުކުމުގައިވަނީ ބަޔާންކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބީއެމްއެލް ސިވިލް ކޯޓު