ދަރިކަލުން އިބްރާހިމް ފައިސަލްއަށްޓަކައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާވެސް ފަހުރުވެރިވާކަމަށް ފައިސަލްގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ފައިސަލް މިއަދު ވަކި ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް ފައިޞަލަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ފަޚުރުވެރިވަން.ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު.
މަޖިލިސް ރައީސް އިތުރަށް ފާހަގަކުރައްވާފައިވަނީ ފައިޞަލް ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޤާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްކެވި ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، މަޖިލިސް ރައީސް އެމަނިކުފާނުގެ ދަރިކަލުންނަށް ދުޢާ ކުރައްވާފައިވެއެވެ. އެގޮތުން، މާތްﷲ ފައިޞަލަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، މާ އުޖާލާ މާދަމާއެއް ދެއްކެވުމަށް އެދިވަޑައިގެންފައިވެ އެވެ.
ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ރައީސް މުއިއްޒު ހަވާލު ކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަންކޮށްފައިވަނީ ނޮވެމްބަރު 17، 2023 ގަ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ފައިސަލް ހުންނެވީ 1 އަހަރާ 2 މަހާއި 12 ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި ފައިސަލް ވަނީ ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތަކަށް އިސްކަންދިނުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކުރުމަށް ކުރެއްވި މަސައްކަތް ހިމެނެ އެވެ.
އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޑިޕްލޮމެޓިކް ގުޅުން ރޫޅުމަކަށް ފަހު އިންޑިއާގެ ފަތުރުވެރިންގެ އަދަދު އަލުން އިތުރުކުރުމަށް ”ވެލްކަމް އިންޑިއާ“ ފަދަ ކެމްޕޭންތައް ފެއްޓެވުމެވެ. މީގެ އިތުރުން، ރިސޯޓުތަކުގެ އޮކިއުޕަންސީ އަދި ފަތުރުވެރިންގެ ޚަރަދުކުރުން އިތުރުކުރުމަށްވެސް އޭނާ ވަނީ އަމާޒު ހިފާފައެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން މިވަގުތާ ހަމައަށް ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ޓޫރިޒަމް