ރައްޔިތުންގެ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތަކެއް ނިންމާލުމަށް މަޖިލީހުގެ މި ދައުރު ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ، މަޖިލީހުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ. އެހެންކަމުން 4 ޑިސެމްބަރުގެ ނިޔަލަށް މަޖިލީހުގެ މިދައުރު ދަންމާލުމަށް ވޯޓަށް އައްސަވާނެކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ދައުރު ދަންމާލުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ވޯޓުންނެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ހަތް މެންބަރުން ވޯޓުދެއްވި އެވެ.
މަޖިލީހުގެ މިދައުރުގައި ނިންމަހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ހުށަހަޅާފައިވާ ބަދަލުތައް ފާހަގަކޮށްލެވެ އެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށްވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. މި އިސްލާހުތަކުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްފަ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުވެސް ފާސްކޮށްފައިވެ އެވެ.
މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް
