އެއްވެސް މީހަކަށް ދެރައެއް ދިނުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މަމްދޫހު މިހެން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ މަމްދޫހުގެ ނުފޫޒުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާއަށް ލީ ވީޑިއޯއަކާ އެކު އަދަދު ނޫހުގައި ޝައިރު ކުރި ހަބަރަކާ ގުޅިގެންނެވެ.
މެންބަރު މަމްދޫހު ވިދާޅުވި ގޮތުގައި، އޭނާ އަކީ އެއްވެސް ހާލަތެއްގައި، އެއްވެސް އާއިލާއަކަށް އަދި ވަކި ފަރުދަކަށްވެސް، ދެރައެއް ދިނުމަށް ނުވަތަ އެފަދަ ކަމަކަށް ބާރު އަޅާނެ، ހިތްވަރުދޭނެ އަދި ކުރާނެ ފަރާތެއް ނޫން ކަމަށެވެ އަދި އެފަދަ އެއްވެސް ކަމަކަށް މާއުނގޫދޫގެ އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
އިތުރަށް މެންބަރު މަމްދޫހު ވިދާޅުވީ، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ވަޒީފާއިން ވަކި ފަރާތެއް ވަކިކޮށް ދުރުކޮށް ކޮންޓްރެކްޓް އުވާލުމަށް އަދި އެނޫންކަމެއް ކުރުމަށްވެސް، އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ނުވެސް ފޯރުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކަށް ހިތްވަރުވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު މަމްދޫހު ވިދާޅުވި ގޮތުގައި، ވީޑިއޯގައި އޭނާ ބުނެފައިވަނީ ’އެކަން އިނގޭނީ އަދި ބެލޭނީ އެކުންފުނިން ކަމަށް‘ ކަމަށެވެ. އަދި ވީޑިއޯއިން އެކަމަކީ އެކުންފުނިން ސާފުކުރެވޭނެ ކަމެއްކަމަށް އޭނާ ބުނާކަން ސާފުވާނެކަމަށް މެންބަރު ވިދާޅުވެފައިވެ އެވެ.