އެމްޑީޕީގެ ވެރިކަން ނިމެން ދަނިކޮށް ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާގައި ހިމެނޭ ބިމުގެ ސައިޒުން ބައެއް އުނިކޮށްފައިވާ ކަމަަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މެންބަރު މަމްދޫހު މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އަމީރު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށި އިރުއްސުރެ، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިޢާޔަތްކޮށްފައިވަނީ ރަށުގެ ސައިޒަށް ކަމަށެވެ. އަދި ސަރުކާރުން ކަންކަން އޮޅުވާލަން މަސައްކަތް ކުރައްވާކަމަށް އަމީރު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
މި ޕޯސްޓާ ގުޅިގެން މެންބަރު މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމެން ދަނިކޮށް ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާގައި ހިމެނޭ ބިމުގެ ސައިޒުން ބައެއް އުނިކޮށްފައިވާ ކަމަށާއި، އަދި ފޯމިއުލާއާ އެއްގޮތަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ބިން ހިއްކައި ބޮޑުކޮށްފައިވާ ގިނަ ރަށްތަކުގެ މުރާޖަޢާ ކުރެވިފައިވާ ބިމުގެ ސައިޒުތައް އެމްޑީޕީގެ ދައުރު ނިމުނުއިރުވެސް ހިމަނާފައި ނުވާކަމަށްވެސް މެންބަރު ވަނީ ވިދާޅުވެފަ އެވެ.
ބިން ބޮޑުކޮށް އަލަށް އާބާދުކުރެވޭ ސަރަހައްދުތައް، މަނިކުފާނުމެންނަށް (އެމްޑީޕީ ސަރުކާރު)، އެއީ ރަށް ރަށުގެ ބަޔަކަށް، ބްލޮކް ގްރާންޓް ދޭންވީމާ ނުވިޔަސް، މިސަރުކާރަށް، އެއީވެސް މިދެންނެވި ގްރާންޓް ދޭއިރު، ރިޢާޔަތްކުރަން ޖެހޭ ބައެއް ކަމަށް ޤަބޫލު ކުރެވޭ.
މިހާރުގެ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކަށް ރައްޔިތުންނަށް ސީދާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބާރުވެރިކުރުވަމުންދާ ކަމަށްވެސް މެންބަރު މަމްދޫހު ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު