ހއ. ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އާރުޑީސީ އިން މިކަން ހަމަ ކޮށްފައި ވަނީ އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، ދިއްދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅު މި މަޝްރޫޢޫގެ މަސައްކަތް އޮތީ މަޑު ޖެހިފައި ކަމަށެވެ.
ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ހިންގޭ މަޝްޜޫޢުތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދިޔުމަށް ޚާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން އެކުލަވާލި ސިޔާސަތު ދަށުން ދިއްދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތްތައް އަލުން ފަށައިގަނެވުނީ 2024 ކުރީ ކޮޅުގަ އެވެ.
ދިއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 54 އިން ސައްތަ ނިމިފައިވާއިރު، ކޮނެގެން ކުރައްޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ އިތުރުން ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުންފަދަ މަސައްކަތްތަކުގެ ބޮޑު ބައެއްވަނީ ނިންމާލެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރުން ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެން ވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 25 އިން ސައްތަ މަސައްކަތްވަނީ ނިމިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
2023 ވަނަ އަހަރު އެ ކޯޕަރޭޝަނާއި ޙަވާލު ކުރެވުނު އިހަވަންދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ 75 އިން ސައްތަ މަސައްކަތްވަނީ ނިމިފަ އެވެ. މީގެ އިތުރުން ކޮނެގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.