މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން މިއަހަރު އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުމުގެ މަސައްކަތަށް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ އައު ބާވަތްތައް ތައާރަފްކުރުމާއި މަސްވެރި އުފެއްދުންތައް އިތުރުކޮށް، އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުމާއި މަހުގެ ބާވަތްތައް ޕްރޮމޯޓްކުރުމަކީ އެ ކުންފުނީގެ އެންމެ މުހިންމު ބޭނުންކަމުގައި ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ކުންފުނި އުފެއްދުމަށްފަހު މިހާތަނަށް ކުރެވުނު މައިގަނޑު މަސައްކަތަކީ ”ކޯޕަރޭޓް ގަވަނަންސް އުސޫލާ އެއްގޮތަށް ކުންފުނި ހިންގުމަށް ބޭނުންވާ ހުރިހާ ޕޮލިސީތަކެއް އެކުލަވާލައި އެޕްރޫވްކުރުމުގެ މަސައްކަތް“ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބްރޭންޑް ލޯންޗްކުރެވިގެންދާނެ ކަމަށާއި، މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރެވިގެންދާނެ ކަމަށްވެސް ޒަރީރު ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން، މިހާރުވެސް ބާއްވަމުންދާ ދުނިޔޭގެ ބޮޑެތި ސީފުޑް ފެއަރތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.
މަސްވެރިކަން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ)
