ހުޅުމާލެ ކަންނެލި ޕެކިން ފެކްޓަރީ އަޅާނެ ބިން ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ކަންނެލި މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި އެޅުމަށް ހަމަޖެހިފައިވާ ކަންނެލި ޕެކިން ފެސިލިޓީއަށް ބޭނުންވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަޙުމަދު ޝިޔާމް އެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުން ޤާއިމުކުރާ މި ފެސިލިޓީގެ ތެރެއިން، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ސަރުކާރަށް އަބަދުވެސް އެއްބާރުލުންދޭނެ އެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މި މަސައްކަތުގެ ޓައިމްލައިނާ ގުޅޭގޮތުން ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެފައިވަނީ، ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެކްޓަރީގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި، އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މާ ބޮޑު ފެސިލިޓީއަކަށް ނުވާތީ، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓަރ ޝިޔާމް އަންދާޒާ ކުރައްވަ އެވެ.

މި ފެކްޓަރީއަކީ މީގެ ކުރިން ކ. ކަނޑުއޮތްގިރީގައި ބޭނުންކުރި ފެސިލިޓީގެ ބަދަލުގައި ހުޅުމާލޭގައި އަޅާ ފެކްޓަރީއެކެވެ. ކަނޑުއޮތްގިރިއަކީ ކުރިން މިފްކޯ އިން އުފެއްދުންތައް ތައްޔާރުކުރަން ބޭނުންކުރި ރަށެކެވެ. ނަމަވެސް، އެ ރަށުގައި ރަނގަޅު ފެންވަރުގެ ފެސިލިޓީއެއް ހުރި ނަމަވެސް، އެ ރަށުގެ ބަނދަރު ތިލަވެ، އެއްގަމު ތޮށި ހަލާކުވެފައިވާތީ ދޯނިފަހަރަށް ގާތްކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި، އެ ފެސިލިޓީގެ ބޭނުން އެންމެ އެދެވޭ ގޮތަކަށް ނުހިފެ އެވެ. މިހާރު ކަނޑުއޮތްގިރި ވަނީ ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ