މިރޭ އުދަރެހުގައި ވަރަށް މަދުން ފެންނަ ފަލަކީ ހާދިސާއެއް ފެންނަން ފަށާނެ ކަމަށް ފަލަކީ މާހިރުން ވިދާޅުވެއްޖެއެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ބޮޑު ފަލަކީ މަންޒަރެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިރުގެ ވަށައިގެން ދައުރުވާ 8 ގުރަހައިގެ ތެރެއިން 5 ގުރަހަ، އުޑު ސާފުނަމަ މިރޭ ފެންނަން ހުންނާނެ ކަމަށް ފަލަކީ މާހިރުން ވިދާޅުވާ ކަމަށެވެ.
މި ނާދިރު މަންޒަރުގައި ހަނދާއެކު މަރކިއުރީ، ވީނަސް، މާރސް، ޖުޕިޓަރ އަދި ސެޓަރން ސީދާ އެއް ރޮނގެއްގައި އެތުރިގެންދާނެ އެވެ. މި މަންޒަރު އާދިއްތަ ދުވަހު (ޖަނަވަރީ 26) ރޭގަނޑުގެ އުދަރެހުގައި ފެންނަން ހުންނާނެ އެވެ.
ފަލަކީ މާހިރުން ވިދާޅުވާ ގޮތުގައި، ހުރިހާ ގުރަހުތަކެއްވެސް އިރުގެ އެއްފަރާތުގައި އެތުރިގެންދާނީ، ބިމުގެ މަތީގައި ދޮށިގަނޑެއް އުފެދޭ ފަދައިންނެވެ. މިފަދަ ގުރަހުތަކުގެ އެތުރުން މަދުން ފެންނަ ސަބަބަކީ، ގުރަހުތަކާއި ހަނދުގެ ސަފު ބިމުން ފެންނަވަރުގެ އަލިކަމެއް ހުރުމާއި، ކޮންމެ ގުރަހަކީވެސް އިރުގެ ވަށައިގެން ދައުރުވާ ބާރުމިނަށް ބަލައި ތަފާތު ދައުރުވުމުގެ މުއްދަތުތަކެއް ހުންނަ ގުރަހުތަކަކަށްވުމެވެ.
ފަލަކީ މާހިރުން އިތުރަށް ވިދާޅުވީ، މި ނާދިރު މަންޒަރު ބެލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އުޑު ސާފު ތަނަކަށް ގޮސް، އުތުރު-ހުޅަނގު އުދަރެހަށް ބެލުމަށް އިރުޝާދު ދެއްވި އެވެ. އަދި މި މަންޒަރު ފެނުމަކީ ފަލަކީ ޢިލްމުވެރިންނަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވި އެވެ.