ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަތީ ތައުލީމާ ބެހޭ އެކްސްޕޯ މިމަހުގެ 24 އަދި 25 ގައި ބޭއްވުމަށް ނިންމައިފި އެވެ.
ކިއު ސްޓަޑީން ކުރިއަށް ގެންދާ މި އެކްސްޕޯގައި މެލޭޝިއާގެ 20 އަށް ވުރެ ގިނަ ޔުނިވާސިޓީތަކާ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނާ ގުޅުވައިދޭނެ އެވެ. މި އެކްސްޕޯ ކުރިއަށް ދާނީ ޖެނުއަރީ 24 އަދި 25 ގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް މީރުމާ ހޯލްގަ އެވެ.
މި އެކްސްޕޯގައި މެލޭޝިއާގެ 20 އަށްވުރެ ގިނަ ޔުނިވާސިޓީތަކުގެ މަންދޫބުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަަތު ދަރިވަރުންނަށް ލިބިގެން ދާއިރު އެ ޔުނިވާސިޓީތަކުގައި ހުރި ޕްރޮގްރާމްތަކާއި ސްކޮލަޝިޕްތަކާއި ވަޒީފާތަކާ ބެހޭ މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ. އަދި ޔުނިވާސިޓީތަކުގެ މާހިރުންނާއެކު ވަކިވަކިން މަޝްވަރާ ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެ އެވެ.
މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށްވެސް ވަނީ ނިންމާފަ އެވެ. މި ގުރުއަތުން ހޮވޭ ފަރާތްތަކަށް އައިފޯން 16 އަކާއި ތިން ފަރާތަކަށް މެލޭޝިޔާ ދެކޮޅު ޓިކެޓާއި 10 ފަރާތަކަށް 250 އެމެރިކާ ޑޮލަރާ ހަމައަށް ޓިއުޝަން ފީ ރިޑެމްޕްޝަންގެ އިތުރުން އެއް ފަރާތަކަށް ކުއަލަލަންޕޫރުގެ އެލޮފްޓް ހޮޓެލްގައި 3 ރޭ ހޭދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ގުރުއަތުން ހޮވޭ ފަރާތްތައް އިއުލާން ކުރުން އޮތީ ޖެނުއަރީ 25، 2025 ގެ 22:00 ގަ އެވެ.
މީގެ އިތުރުން ކިއު ސްޓަޑީ މެދުވެރިކޮށް ޔުނިވާސިޓީއަކަށް އެޕްލައި ކުރާ ދަރިވަރުންނަށްވެސް އިނާމުތަކެއް ލިބިގެން ދާނެ އެވެ. އެގޮތުން ފުރަތަމަ އިނާމަކަށް މެލޭޝިއާއަށް ހިލޭ ފްލައިޓް ޓިކެޓެއް ލިބޭ އިރު ދެވަނަ އިނާމަކަށް 250 ޑޮލަރާ ހަމައަށް ކޭޝްބެކް ލިބޭނެ އެވެ. އަދި ތިންވަނަ އިނާމަކަށް ފުރަތަމަ އިނާމާއި ދެވަނަ އިނާމު އެއްކޮށް ލިބޭނެ އެވެ.
މި ހަރަކާތުގެ ތެރެއިން އޭ ލެވެލް ނިންމާފައިވާ ދަރިވަރުންނަށް ހިލޭ ސައިކޮމެޓްރިކް އަދި އެޕްޓިޓިއުޑް ޓެސްޓް ހެދުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މި އެކްސްޕޯގައި ރަޖިސްޓާވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9902788 އަށް ގުޅުމަށް ކިއު ސްޓަޑީން ވަނީ ބުނެފަ އެވެ.