3 ދުވަހުން 4،500 އަށް ވުރެ ގިނަ ވެލިބަސްތާ ޖަހައިފި

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި 4,500 އަށް ވުރެ ގިނަ ވެލި ބަސްތާ މާލެ ސިޓީ ކައުންސިލުން ޖަހައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެއީ ރާއްޖޭގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާތީ، މާލޭ ސަރަހައްދުގައި ފެން ބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ، ފެން ބޮޑުވުމުގެ ބިރު އޮތް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް، ގުޅުންހުރި އެކިއެކި މުއައްސަސާތަކުންނާއި އާންމު ރައްޔިތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެމުންދާ ކަމަށެވެ. އަދި މި މުހިންމު މަސައްކަތުގައި އެމްއެންޑީއެފް، ފުލުހުންގެ ޚިދުމަތް، ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ، އާރުޑީސީ، އެންޑީއެމްއޭ އަދި ރެޑް ކްރެސެންޓުން ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މާލޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން ޚާއްޞަ ޝުކުރެއް އަރިސްކުރައްވާފައިވެއެވެ.

ކައުންސިލްގެ ޑިޒާސްޓަރ ކޮމިޓީގެ ޗެއަރ، ހުޅުމާލެ ކައުންސިލަރު އަލީ އައިމަން ވިދާޅުވެފައިވަނީ، މޭޔަރ އާދަމް އާޒިމްގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދާ މި މަސައްކަތުގައި ކައުންސިލްގެ ތެރެއިން ޓާސްކް ފޯސްއެއް އެކުލަވާލައި، ފެށި މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އަދި ގޯނިތަކަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްގެ އާންމު ޚިދުމަތާބެހޭ ބައިގެ ގޯތި ތެރޭގައި ކައުންސިލުން އެކި ގޮތްގޮތުން ހޯދައި އެއްކުރެވިފައިވާ ވެލި ފުނިތަކުން ކަމަށްވެސް އައިމަން ވިދާޅުވިއެވެ.

މީގެ އިތުރުން، އަންގާރަ ދުވަހު ވިލިމާލޭގައިވެސް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފަސޭހައިން ފެން ހިންދުމަށްޓަކައި ޕޯސްޓް ބިލްޑިންގ ކުރިމަތިން ކޯރު ކެނޑުމުގެ މަސައްކަތްވެސް މިނިސްޓްރީ އޮފް ސިޓީސް އަދި އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. ވިލިމާލޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން އަންގާރަ ދުވަހުގެ ރެއާ ހަމައަށް 136 ވެލި ބަސްތާ އެކި ސަރަހައްދުތަކުގައި ޖަމާކުރެވިފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އަމާޒަކީ މިފަދަ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ދިރިއުޅެން ހިތްފަސޭހަ މާހައުލަކަށް މާލެ ސަރަހައްދު ހެދުން ކަމަށް ކައުންސިލުން ބުނެއެވެ. މި މަޤްޞަދު ހާސިލް ކުރުމަށްޓަކައި ކައުންސިލްގެ އެންމެހާ މުވައްޒަފުން ގުޅިގެން މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ދަނީ ބާރުއަޅަމުންނެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެމްއެންޑީއެފް ވިއްސާރަ މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ