މަކަރާއި ހީލަތުގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށް ބަންދު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މީނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނުންނާއި، އިންޓެލިޖެންސް ރިޕޯޓާއި، ބޭންކް އޮފް މޯލްޑިވްސް އެފްއައިއާރްއަށް ބަލާއިރު މި އަމަލުގައި މީނާގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވޭކަން ފާހަގަ ކޮށްފައިވެ އެވެ.
މީނާގެ ބަންދު އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވާކަމަށް ބެލެވޭ ކަމަށެވެ.
މީނާގެ ދިފާއުގައި ކޯޓުގައި ވާހަކަ ދައްކަވަމުން ބުނެފައިވަނީ، މިކަން ކޮށްފައިވަނީ ބަޔަކު މިނާއަށް ބިރުދައްކައިގެން ކަމަށެވެ. އެ މައްސަލަ މީނާގެ ފަރާތުން ފުލުހަށް ހުށަހަޅާފައި ނުވަނީ، މީނާ ލައްވައި އެކަން ކުރުވި ފަރާތްތަކުން މީނާ އެ މައްސަލަ ހުށަހަޅައިފިނަމަ މީނާ މަރާލާނެކަމަށް ބިރު ދައްކައި އިންޒާރު ދީފައިވާތީ ބިރުން ކަމަށް ބުނެފައިވެ އެވެ. އަދި މީނާއަކީ ދިވެހި ބަސް ރަނގަޅަށް ފަހުމުވާ ފަރާތަކަށް ނުވާތީ އެއީވެސް މީނާ މިކަން ކޮށްފައިނުވާކަމަށް ބެލެވޭނެ ސަބަބެއްކަމަށް ދިފާއުން ކޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓު މަކަރާއި ހީލަތް ހެދުން ދިވެހި ފުލުހުންގެ ޚިދުމަތް
