ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އައި ޑރ. ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ’ޖަވިޔަނި‘ އަށް މައުލޫމަތުދެއްވަމުން ވިދާޅުވީ ޑރ. ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ސީރިއަސް މައްސަލަތަކެއް ކަމުން، އެ ތުހުމަތުތައް ވަރަށް ބޮޑަށް ސަމާލުކަމެއްދީގެން ތަހުގީގު ކުރިއަށްގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ސަނީގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެކެވެ. މީގެ ތެރޭގައި އޭނާގެ އާއިލާގެ ތެރެއިން ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި މައްސަލަތައް ފެންމަތިވުމާއެކު ޑރ. ސަނީ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި އިންޑިއާއަށް ފުރައިގެން ގޮސްފަ އެވެ.
ޑރ. ސަނީ އުމަރަކީ މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އޭޖެންސީއެއްގެ އިތުރުން ކުޅިވަރު ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިޔާތައް ހިންގަމުން އަންނަ ފަރާތެކެވެ. އޭނާގެ މައްޗަށް ތުހުމަތުތައް ކުރެވުމާ ގުޅިގެން، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާއަކާއި ޓްރެވަލް އޭޖެންސީ ހިންގާ ޕީއާރު ކުންފުނި ”ދަ ޓްރެވަލް ގާއިސް“ އިން ވަނީ އޭނާ އެ ކުންފުނިން ވަކިކުރުމަށް ނިންމާފަ އެވެ.
