ފެން ވަންނަ ގެތަކުގައި ސިޓީ ކައުންސިލުން ދުރާލާ ވެލި ބަސްތާ ޖަހަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވާއިރު، އެންމެ ބޮޑަށް ގެއްލުންވާ ގެތައް ބަލައި، އެތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދުން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށްފައިވާތީ، ރޭން ފެށިގެން މާލޭގައި އާންމުކޮށް ފެންވަދެ ގެއްލުންވާކަމަށް ފާހަގަ ކުރެވޭ 56 އަށް ވުރެ ގިނަ ގެގޭގައި މާލޭ ސިޓީ ކައުންސިލުން ވެލި ބަސްތާ ޖަހަން ފަށާފައިވެ އެވެ.

އެންޑީއެމްއޭއިން އިތުރަށް ވިދާޅުވީ އިތުރު ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަވެދާނެ ކަމަށް މޫސުމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ، ޚާއްސަ ކާރިސާ ކޮމިޓީއެއް އުފައްދައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް އެކޮމެޓީ މެދުވެރިކޮށް ފަށާފައިވާ ކަމަށެވެ.

އަހަރު ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ މޫސުން އުޅެނީ ވަރަށް ގޯސްކޮށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އަންނަ ހޮނިހިރާ ހަމައަށްވެސް މޫސުން ގޯސް ވާނެކަމަށް ލަފާކޮށްފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެން ބޮޑުވެ އެތަށް ގެޔަކަށް ގެއްލުންވެސް ލިބިފައިވެ އެވެ. އަދި ބައެއް ރަށްރަށަށް އުދަވެސް އަރާފައިވެ އެވެ. މާލޭގައިވެސް މި މަހުގެ 3 ވަނަ ދުވަހު ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެ އެތަށް ގެޔަކަށާއި ފިހާރަތަކަކަށް ފެން ވަދެފަ އެވެ.

އެމްއެންޑީއެފް ވިއްސާރަ މާލެ ސިޓީ ކައުންސިލް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ