ނަމާދު ގަޑިތައް ތަރުތީބުކޮށް ދިވެހި ކަލަންޑަރު އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އިލްމުވެރިޔާ އަލީ މާހިރު އަވަހާރަވެއްޖެ އެވެ.
އަލީ މާހިރު ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި އުމުރުން 90 އަހަރުފުޅުގަ އެވެ.
ދިވެހިރާއްޖެއަށް އަގު ހުރި ހިދުމަތްތަކެއް ކޮށްދެއްވި އަލީ މާހިރު ތައުލީމް ހާސިލު ކުރައްވާފައިވަނީ މިސްރުގަ އެވެ. އިންޖިނިއަރިން ދާއިރާއިން ތައުލީމް ހާސިލު ކުރެއްވި ނަމަވެސް އަލީ މާހިރަކީ ހިސާބު އިލްމާއި ފަލަކީ އިލްމުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އަލީ މާހިރަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އާއިލީ ބޭފުޅެކެވެ. އަލީ މާހިރު ވަނީ ދައުލަތުގެ މުހިންމު އިސް މަގާމުތަކެއްވެސް ފުރުއްވާފަ އެވެ. އޭގެ ތެރޭގައި މަހްކަމަތުއްޝަރުއިއްޔާގެ ފަނޑިޔާރުކަމާއި، ސަރުކާރު ބޮޑު އިސްޓޯރުގެ މެނޭޖަރުކަމާއި، ގައުމީ ކުތުބުހާނާގެ ވެރިޔާގެ މަގާމު ހިމެނެ އެވެ.