ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު ރަސްމީ އިއްޒަތުގައި ފަސްތާނު ލައިފި އެވެ.
ހަސަން ސޯބިރުގެ މައްޗަށް ކަށު ނަމާދު ކުރެވުނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އެމަނިކުފާނު ފަސްތާނު ލެވުނީ ގަލޮޅު ސަހަރާގައި ރަސްމީ އިއްޒަތުގަ އެވެ.
ސޯބިރުގެ ކަށު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓުގެ ގިނަ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ސޯބިރުގެ އާއިލާގެ އިތުރުން އާންމުންގެ އެތަށް ބަޔަކުވެސް ބައިވެރިވި އެވެ.
ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މާދަމާ 29 ޖުލައި 2025 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. ރާއްޖޭގެ އިގްތިސޯދީ ދާއިރާއަށް ދިގު މުއްދަތެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި، ގަލޮޅު ފިޔާތޮށިގޭ ހަސަން ސޯބިރު (73 އަހަރު) އަވަހާރަވީ މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.
ސޯބިރު އަވަހާވިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ. ސޯބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ އިއްޔެ ބޭއްވުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
އަވަހާރަވިއިރު އެ މަނިކުފާނުގެ ދަރިކަލަކާއި ދަރިކަނބަލަކު އަދި އަނބިކަނބަލުން ދުނިޔޭގައި ތިއްބެވި އެވެ.
ހަސަން ސޯބިރަކީ ދިވެހި ގައުމުގެ އިގްތިސޯދީ ދާއިރާގެ އެކި ދާއިރާތަކުގައި، ހާއްސަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ރޭވުމާއި ހިންގުމުގައްޔާއި، ހާރިޖީ ދާއިރާގައިވެސް އެ މަނިކުފާނު ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.



