ރަސްފަންނު މޫދުން ވިހަގަދަ އަދި އިންސާނުންގެ ފުރާނައަށް ނުރައްކާތެރި ބޮއްޔެއް ކަމަށްވާ ”ކޯން ސްނެއިލް“ ފެނިފައިވާކަމަށް ބުނެ، އެ ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ތިމާވެށީގެ ގުޅުންތަކާ ބެހޭ މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އޯޝެނޯހޯލިކް މޯލްޑިވްސްއިންނެވެ. އެ ޖަމްޢިއްޔާއިން ބުނާ ގޮތުގައި ކޯން ސްނެއިލްއަކީ އިންސާނުންގެ ގަޔަށް ކަށި ޖަހައި، ވިހަ ބޭރުކުރާ ބޮއްޔެކެވެ. މި ބޮލީގެ އަސަރު އިންސާނާގެ ހަށިގަނޑަށް ވަގުތުން ވެސް ކޮށްފާނެ އެވެ. އަދި އޭގެ އަސަރު އެތައް ދުވަހެއް ފަހުން ވެސް ކޮށްފާނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ އިންޒާރުދީފައެވެ.
އޯޝެނޯހޯލިކް މޯލްޑިވްސްއިން ވަނީ ރަސްފަންނު ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން، ޚާއްޞަކޮށް ކުޑަކުދިން މޫދަށް އެރުވާއިރު ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫދަށް އެރޭއިރު ފައިވާނަށް އެރުމަށާއި ހުސްފައިގައި މޫދަށް ނޭރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ ޖަމްޢިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ބޮލި އާންމުކޮށް ފެން މައްޗަށް އަރާނީ އިރުއޮއްސޭ ވަގުތުއެވެ. އެހެންކަމުން ހަވީރާއި ރޭގަނޑު އެ ސަރަހައްދަށް މޫދަށް އެރޭނަމަ މިކަމަށް ސަމާލުވުމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ އެދިފައެވެ.